| މެޖިސްޓްރޭޓް ކޯޓު 2010ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 4ވީ ހޯމަދުވަހު، އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 1 ވަނަ ޖަލްސާއިން ފާސްކުރެއްވި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/10)ޤާނޫނުއަސާސީގެ 92 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން 21 އޮކްޓޯބަރު 2010 (13 ޛުލްޤައިދާ 1431)ވީ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/10) ގެ ޖަދުވަލު 5ގައި ވާގޮތުން މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚުތިޞާޞްތައް ތިރީގައި މިވަނީއެވެ. މެޖިސްޓްރޭޓް ކޯޓުތަކުގެ އިޙްތިސާސް
1 . މެޖިސްޓްރޭޓް ކޯޓުގެ އިޙްތިސާސްތަކުގެ ތެރޭގައި ހިމެނޭ އަންނަނިވި ބާވަތްތަކުގެ މައްސަލަތައް ބެލުމެވެ.
(ހ) އެ ކޯޓެއް ހިމެނޭ ޖުޑީޝަލް ދާއިރާގައި ހިނގާ އެންމެހައި ޖިނާއީ، މަދަނީ، އަދި ޢާއިލީ މައްސަލަ ތަކުގެ ތެރެއިން މި ޖަދުވަލުގައި ނުވަތަ މި ޤާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ޤާނޫނެއްގައި އިސްތިސްނާ ކޮށްފައިނުވާ މައްސަލަތައް.
(ށ) އެ ކޯޓް ނިސްބަތްވާ ޖުޑީޝަލް ދާއިރާގެ ކުޑަކުދިންގެ މައްޗަށް އުފުލޭ ޖިނާއީ ދައުވާގެ ތެރެއިން މި ޖަދުވަލުގައި ނުވަތަ މި ޤާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ޤާނޫނެއްގައި އިސްތިސްނާ ކޮށްފައިނުވާ މައްސަލަތައް.
(ނ) ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުށަހެޅޭ މައްސަލަތައް.
(ރ) ޤާނޫނުއަސާސީގެ 65 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައް.
(ބ) ޤާނޫނީ ބާރެއްނެތި ނުވަތަ ޤާނޫނާ ޚިލާފަށް ބަންދުކޮށްފައިވާ ކަމަށް ބުނެ އެ ބަންދުން ދޫކޮށްދިނުމުގެ އަމުރެއް ނެރެދިނުން އެދި ހުށަހަޅާ މައްސަލަތައް.
(ޅ) ޤާނޫނީ ބާރެއްނެތި ނުވަތަ ޤާނޫނާ ޚިލާފަށް ބަންދުކޮށްފައިވާ މީހަކު އެ ބަންދުން ދޫކުރުމަށް އަންގާ ކަމާބެހޭ ކޯޓުން ނެރޭ އަމުރަކާ ހައްޔަރުކުރުމުގެ ސަބަބުން ނުވަތަ ބަންދުކުރުމުގެ ސަބަބުން ޤާނޫނުއަސާސީގެ 58 ވަނަ މާއްދާގެ ދަށުން ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލަތައް.
(ކ) ކަފާލާތުގައި ދޫކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަތައް.
(އ) އަވަސް ނިޔާގެ ޤަވާޢިދުގެ ދަށުން މެޖިސްޓްރޭޓް ކޯޓުތަކުން އަވަހަށް ނިންމަންޖެހޭ މައްސަލަތައް.
(ވ) އެއްބަސްވުންތަކާއި ޕަވަރ އޮފް އެޓަރނީއާއި ރަހުނުގެ އެއްބަސްވުމާއި ވަޞިއްޔަތުގެ ލިޔުންތައް ރަޖިސްޓްރީ ކުރުން.
2. މި ޖަދުވަލުގެ 1 ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ ޖިނާއީ، މަދަނީ، އަދި ޢާއިލީ މައްސަލަ ތަކުގެ ތެރެއިން ތިރީގައި ބަޔާން ކޮށްފައިވާ މައްސަލަތައް މެޖިސްޓްރޭޓް ކޯޓުން ނުބެލޭނެއެވެ.
(ހ) ޤަޞްދުގައި މީހުން މެރުމުގެ މައްސަލަތައް.
(ށ) މަސްތުވާ ތަކެއްޗާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ މައްސަލަތައް.
(ނ) ވައްކަން، ޓެކުން، ޚިޔާނާތްތެރިވުމާއި، މަކަރާއި ޙީލަތާއި، ފޭރުމުގެ ކުށްކުށުގެ ތެރެއިން 100،000 (އެއްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ ޢަދަދުގެ ފައިސާ ހިމެނޭ ނުވަތަ އެ އަގުގެ މުދާ ހިމެނޭ މައްސަލަތައް.
(ރ) ވަގުނޫޓާއި ވަގު ކޮއިން ޖެހުމާއި، އެފަދަ ތަކެތި ރާއްޖެއަށް އެތެރެ ކުރުމުގެ މައްސަލަތައް.
(ބ) ޓެރަރިޒަމްގެ މައްސަލަތައް.
(ޅ) ޤާނޫނުލް ޢުޤޫބާތުގެ ޗެޕްޓަރ 1 ގެ "ދިވެހި ދަޢުލަތާއި އިދިކޮޅު ޙަރަކާތާއި ފިތުނަ" މި ސުރުޚީގެ ދަށުގައިވާ މާއްދާއަކުން ކުރެ މާއްދާއެއްގެ ދަށުން ދަޢުވާކުރެވޭ މައްސަލަތައް.
(ކ) މީހެއްގެ ނުރުހުމުގައި ގަދަކަމުން ޒިނޭކުރުމުގެ މައްސަލަތައް.
(އ) 5،000،000 (ފަސްމިލިއަން) ރުފިޔާއިން ފެށިގެން މަތީގެ ޢަދަދުގެ ފައިސާ ހިމެނޭ ނުވަތަ އެއަގުގެ މުދާ ހިމެނޭ މައްސަލަތައް.
3. މި ޤާނޫނުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާން ވެފައިވީނަމަވެސް، ވަކިރަށަކާގުޅޭ ގޮތުން ކުރިމަތިވާ އަންނަނިވި ބާވަތްތަކުގެ މައްސަލަތައް، ފުރަތަމަ މަރުޙަލާގެ ކޯޓެއްގެ ގޮތުގައި ބަލާނީ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުންނެވެ.
(ހ) އެރަށެއްގެ ބިންބިމާއި ޢިމާރާތްތަކާއި ގޯތިގެދޮރާއި އެ ރަށުގައިވާ ނުއުފުލޭ މުދަލުގެ މައްސަލަތައް.
(ށ) އެރަށެއްގެ ރަށްވެއްސެއްގެ ތަރިކައިގެ މައްސަލަ.
|